ރާއްޖޭގައި 100 މެގަވޮޓްގެ ފްލޯޓިން ސޯލާ ފޮޓޯވޯލްޓައިކް (ޕީވީ) ޕްރޮޖެކްޓެއް ތަރައްގީކޮށް ހިންގުމަށް ބޯޑް އޮފް އިންވެސްޓްމެންޓެސް (ބީއޯއައި) އިން ޑެވެލޮޕްމެންޓް ހުއްދަ ދީފިއެވެ.
ހުޅުމާލެއާ ގާތްގަނޑަކަށް 4-5 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެއްގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ ޕްރޮޖެކްޓެވެ. ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ މި ޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގެ ހުއްދަ ކެނެޑާގެ އެބްރަކްސަސް ޕަވަރ ކޯޕަރޭޝަނަށް މިދިޔަ އަހަރުގެ އެޕްރީލް މަހު ވަނީ ދީފައެވެ.
މި މަޝްރޫއުގެ ދަށުން ބެޓެރީ ސްޓޯރޭޖްގެ އިންވެސްޓްމަންޓްތަކާއި ހުޅުމާލޭގެ މައި ގްރިޑަށް ސަބްމެރިން ކޭބަލް އިންޓަކަނެކްޝަން ވެސް ހިމެނޭކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީއިން ހިއްސާކޮށްފައިވާ މަޢުލޫމާތުގައި، 2023 ވަނަ އަހަރުގެ ޖުމްލަ އިމްޕޯޓުގެ 22 އިންސަތައަކީ ތެޔޮކަމަށާއި، މީގެ ތެރެއިން ކަރަންޓު އުފެއްދުމަށާއި ކަނޑުދަތުރުފަތުރަށް ބޭނުންވާ ޑީސަލްގެ ގޮތުގައި ގާތްގަނޑަކަށް 80 އިންސައްތަ އިމްޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މަޝްރޫއަކީ ފޮސިލް ފިއުލްއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ޕްރޮޖެކްޓެއް ކަމަށާއި، އޭގެ ސަބަބުން ގައުމީ ތެލުގެ ބިލުން އަހަރަކު 42 މިލިއަން ޑޮލަރު ސަލާމަތްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގައި އިޢާދަކުރަނިވި ވަސީލަތްތަކުން ކަރަންޓު ޑިމާންޑުގެ 33 އިންސައްތަ ހާޞިލުވާނެކަމަށާއި މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު އެޕްރީލް ހިސާބުގައި ފަށައި، 2027 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ.
Advertisement