ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ވަގުތީ ގޮތުން އާންމުންނަށް ބަންދުކުރަން ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލްއިން މިއަދު ނިންމައިފިއެވެ.

Advertisement

Advertisement

އެ ކައުންސިލުން މިއަދު ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން، އެ ސަރަޙައްދުން ކިސަޑު ނަގައި، ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތް މި މަހު 17 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ފެށިގެންދާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ރަސްފަންނުގައި މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުކުރެވިފައިވާނެކަމަށެވެ.

ދާދިފަހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރަސްފަންނު ސަރަހައްދައް ޒިޔާރަތްކޮށް އާންމު ތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި އެތަންތަނުގެ މިހާރުގެ ހާލަތާއި މެދު ހިންހަމަނުޖެހުން ފާޅުކޮށް ރައީސް ވިދާޅުވެފައިވަނީ މި ތަންތަނުގެ ރީތިކަން އަލުން އިއާދަކޮށް އެތަންތަން އިތުރަށް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރާނެކަމަށެވެ.

ހަމައެހެންމެ، ރަސްފަންނު މަރާމާތު ކުރުމަށް ފަހު ދެން އެތަން ވީރާނާވާން ދޫކޮށް ނުލާނެކަމަށާއި، ރަސްފަންނު ބެލަހައްޓަމުން ދާނީ މާލެ ސިޓީ ކައުންސިލް އިދާރާއިން ކަމަށް މާލެ ސިޓީ ކައުންސިލް މޭޔަ ޢާޒިމް ވިދާޅުވެފައިވެއެވެ.