ފްރެޝް ޖޫސްތަކުން ފެށިގެން، ކިރު އެޅި ބުއިންތައް، އަދި ހަށިގަނޑަށް ނުހަނު ފައިދާހުރި ބުއިންތައް ބައެއް މުޖުތަމައުތަކުގައި ރަމަޟާން މަހާ ދިމާކޮށް އާންމުކޮށް ރޯދަވީއްލާ ގަޑީގެ އިތުރުން ތަރާވީސް އަދި ހާރުދަމުގައިވެސް ބޮއެއުޅެއެވެ.

ރާއްޖޭގައި މިގޮތުން ޒަމާނުއްސުރެން އެންމެ ގިނަ ބައެއް ބޯ ބުއިމަކީ ކަރާފަނިއެވެ. ބައެއް ގޭގޭގައި ކަރާފަނި ހަދަނީ ކުދިކުދި އެތިކޮޅުކޮޅަށް ކޮށާ، ފެނާ ހަކުރު އަޅައިގެނެވެ. ބައެއް މީހުން މާމުއި އަދި ލުނބޯހުތްވެސް މި ފަނި ގިރާއިރު އަޅާށެވެ. މިފަހުން ގިނަ ގޭގޭގައި ކަރާފަނި މިކްސަރުން މިކްސްކޮށްވެސް ތައްޔާރުކުރެއެވެ. ރާއްޖެއަކީ ހޫނު ޤައުމެއް ކަމުން ކަރާފަނި މިއީ މީހާގެ ހަށިގަނޑު ހައިޑްރޭޓްކޮށްލުމުގައި ނުހަނު މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ.

މިސްރުގައި ސޯބިއާ އަކީ ރޯދަމަހު ކޮންމެހެން ވެސް ޓްރައި ކުރަން ޖެހޭ ކްރީމީ ބުއިމެކެވެ. ހަނޑޫ، ކާށިކިރު، އަދި ބައެއް ފަހަރު ނަޓްސް ނުވަތަ ފޮނިތޮށި އިން ރަހަ ލައްވާ މި ބުއިމަކީ ކެއުމެކޭވެސް ބައެއް މީހުން ބުނެއެވެ.
ޕާކިސްތާނާއި އިންޑިއާ އަދި ބަންގްލަދޭޝްގައި ރޯޒް ސިރަޕެއް ކަމަށްވާ ރޫހް އަފްޒާ އަކީ ފެނާއި ކިރު އެއްކޮށްގެން ފިނިކޮށް ތައްޔާރުކުރާ ތާޒާ ބުއިމެކެވެ. ރޫހް އަފްޒާ އަކީ ފޮނިކާތަކެތި ތައްޔާރު ކުރުމަށާއި، ސަގާފީ ކެއުންތަކުގައި ވެސް ބޭނުންކުރާ އެއްޗެކެވެ.

މޭވާ އެކުލެވޭ ބުއިންތައް ކަމުދާ މީހުންނަށް އިންޑޮނޭޝިއާގެ އެސް ޓިމުން ސޫރީ އަކީ މަގުބޫލު ޗޮއިސްއެކެވެ. މިއީ "ޓިމޫން ސޫރީ" ނަމަކަށް ކިޔާ މޭވާއަކުން ތައްޔާރުކުރާ ތަފާތު ބުއިމެކެވެ. މި ބުއިން ތައްޔާރުކުރަނީ ޓިމޫން ސޫރީ، އައިސް، ހަކުރު، އަދި ފެން ބްލެންޑްކޮށްގެނެވެ.

ދެން އޮތީ ލުބުނާނުގެ މީރު ބުއިން ކަމަށްވާ ސަހްލަބް އެވެ. މި ކްރީމީ ބުއިން ތައްޔާރުކުރަނީ ހޫނު ކިރާއި، ނަޓްސް، އަދި ފޮނިތޮށި އެއްކޮށްގެންނެވެ. މި ބުއިން ބައެއް ފަހަރު ތައްޔާރުކުރާއިރު، އޮލަކަމުން ހީވާނީ ޕިޑިންއެއްހެނެވެ. ލުބުނާނުގެ ސަގާފީ މި ބުއިމަކީ ސީރިއާ، އުރުދުން، ފަލަސްތީން ފަދަ އަވަށްޓެރި ގައުމުތަކުގައި ވެސް މަގުބޫލު ބުއިމެކެވެ.

މެދުއިރުމަތީގައި ޤަމަރުލްދީނުގެ ވާހަކަ ނުދައްކައި ރަމަޟާންމަހުގެ އެއްވެސް ބުއިންތަކުގެ ލިސްޓެއް ފުރިހަމައެއް ނުވާނެއެވެ. މި ބުއިން ތައްޔާރުކޮށްފައިވަނީ ހިކިފައިވާ އެޕްރިކޮޓްގެ ޕޭސްޓް، ފެނާއި އެއްކޮށް، ފިނިކޮށްގެނެވެ. މިއީ ރޯދަ ވީއްލުމަށް ކަދުރު، މޭވާއާއެކު ކާ ސަގާފީ އެއްޗެކެވެ.
ފޮނުވާ