ފަންޑް މެނޭޖްމަންޓާއި އެޑްވައިޒަރީ ގެ ހިދުމަތްތަކަށް ހާއްސަ ކުންފުންޏެއް ކަމަށްވާ ފަސްޓް ނޭޝަނަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަގާމަށް މަރިޔަމް ވިސާމް ހަމަޖައްސައިފި އެވެ. އެ ކުންފުނީގެ ބޯޑުން ވަނީ މިދިޔަ އާދީއްތަ ދުވަހު އޭނާ އެމަގާމަށް އައްޔަން ކުރިކަން ކަށަވަރުކޮށްދީފަ އެވެ.
ސީސީއޯގެ ހައިސިއްޔަތުން ވިސާމަކީ ވިޔަފާރީގެ ސްޓްރެޓެޖީތައް އެކުލަވާލައި ތަރައްގީކުރުމާއި ޕްރޮޑަކްޓް ޑިވެލޮޕްމަންޓް ބެލެހެއްޓުމާއި ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނެ ބޭފުޅެކެވެ.
ވިސާމް މީގެ ކުރިން ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމުގަ އެވެ. ވިސާމް އަކީ މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ އާއި އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ފަސްޓް ނޭޝަނަލް ކޯޕަރޭޝަންގެ އާ ދައުރުގެ އިތުރުން ވިސާމް ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ޕެންޝަން އޮފީހުގެ ބޯޑުތަކުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ. އޭނާ އަކީ މިހާރު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބޯޑުގެވެސް މެމްބަރެކެވެ.