މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކަކާއެކު އިމިގްރޭޝަން ކޮންޓްރޯލަރުކަމުގެ މަޤާމުން މިމަހުގެ 21 ވަނަ ދުވަހު ޝަމްޢާން ވަނީ ވަކިކޮށްފައެވެ. އަދި މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހުގެ ރޭ ޝަމްޢާން ވަނީ ހައްޔަރުކޮށްފައެވެ.
ޝަމްޢާން ގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާއިރު، މި މައްސަލައާި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެޚިދުމަތުގެ ތަހުޤީޤަށް ފާހަގަކުރެވުނު ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އަދާކުރަމުންދާ ޓާސްކް ފޯރސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް ބިދޭސީން ގެންދިޔައިރު ގިނަ އަދަދެއްގެ ނަގުދު ފައިސާ ވެސް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ.
އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށްވެސް ފުލުހުން ގެ ބަޔާނުގައިވެއެވެ. އަދި އިމިޤްރޭޝަން މުވައްޒަފުންތަކެއް މި ބިދޭސީ މީހާއާއި މަގުމަތިން ބައްދަލުކޮށް މި ފައިސާތާ އަތުލުމަށް ފަހު، ފައިސާތައް ހިފައިގެން މި މަހުގެ 21 ވަނަ ދުވަހު އޭރުގެ އިމިޤްރޭޝަން ކޮންޓްރޯލާ، ޝަމްޢާން ދިރިއުޅޭ ގެއަށް ވަދެފައިވާކަމަށް ވެސް ފުލުހުންގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމަށް އެ ޚިދުމަތުން ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
މި މައްސަލައާއި ގުޅިގެން ދިވެހި ފުލުހުންވަނީ ޝަމްޢާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް އެ ގެއިން ފައިސާތަކަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ގެންގޮސްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ޝަމްޢާންގެ އިތުރުން މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު 3 މީހަކުވެސް ހައްޔަރު ކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
ފޮނުވާ