ޑިވެލޮޕްމަންޓް ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރކަމުގެ މަޤާމުގައި ހުންނެވި އިނގިރޭސިވިލާތާ ނިސްބަތްވާ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން މިއަދު ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯކަމުގެ މަގާމުން ނޮއެލް ގްރެގަރ އިސްތިއުފާދެއްވާ އެކަން ހުށައަޅުއްވިކަމަށެވެ. އަދި ނޮއެލް ގްރެގަރގެ އިސްތިއުފާ ގަބޫލުކުރައްވައި އޭނާ އެމަގާމުން ވަކިކުރައްވާފައިވާ ކަމަށް ވެސް ޕީސީބީން ވަނީ ބުނެފައެވެ.
ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯކަމުގެ މަގާމަށް ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. ނޮއެލް ގްރެގަރ އިސްތިއުފާ ދެއްވި ސަބަބު ހިއްސާކުރައްވާފައެއް ނުވެއެވެ.
ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ދެއްވީ 13 އޮކްޓޫބަރު 2024 ގައެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" އިފްތިތާޙުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުުއެވެ.
މި ބޭންކަކީ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އިންވެސްޓްކޮށް، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް ކުންފުނީގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އުފެއްދެވި ބޭންކެކެވެ.
ފޮނުވާ