އިދިކޮޅު އެމްޑީޕީގެ އެކްޓިވްސްޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ސައިކަލެއްގައި ދަނިކޮށް ކަޅުތެޔޮ ޖެހި މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

Advertisement

Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ، އުމުރުން 20 އަހަރުގެ އަހުމަދު ރިޝްމާހް އެވެ.  

ފުލުހުން ބުނީ މި ޒުވާނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދު ޖަހާފައިވާކަމަށް ފުލުުހުން ބުނެއެވެ.

މަންދީ ގަޔަށް ކަޅު ތެޔޮ ޖެހީ 16 މާޗު ވީދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ ނިންމާފައި ސައިކަލްގައި ގެޔަށް ދަނިކޮށެވެ. އަދި އެކަން ކުރީ ސައިކަލްގައި ހެލްމެޓް އަޅައިގެން އައި ބަޔަކު ކަމަށް މަންދީ ބުންނެފައި ވެއެވެ.

މަންދީ ވަނީ މުޒާހަރާތަކާ ގުޅޭ މައްސަލައެއްގައި ފުލުހަށްވެސް އޭގެ ކުރީ ދުވަހު މެންދުރުފަހު ހާޒިރުކޮށްފައެވެ. 

އެމްޑީޕީން މިމަހު ކުރީކޮޅު ބާއްވަމުން ދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މާޗް 10 ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމެއްގައި މަންދީ ރައީސްގެ ދަރިކަލަކާ ގުޅުވާ ދެއްކި ވާހަކައެއްގެ ސަބަބުން ސަރުކާރުގެ ގިނަ ފަރާތްތަކެއް ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެމައްސަލައާ ގުޅިގެން ރައީސްވަނީ މަންދީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ދައުވާކުރަން ނިންމާފަައެވެ. 

އެ އެއްވުމުގައި މަންދީ ބުނެފައިވަނީ ރާއްޖޭގައި ވޭޕް މަނާ ކުރެއްވީ ރައީސްގެ ދަރިކަލަކު ވޭޕް ކުރާތީ ކަމަށެވެ.