މޯލްޑީވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝައްމާން ވަހީދު ހިމެނޭހެން ބަެއް މުވައްޒަފުން، މަޤާމުގެ ނާޖައިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މަޢޫލޫމާތާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ހިނގާ ތަހުޤީޤަށް އެނގިފައިވާގޮތުން، މި މުވައްޒަފުންތައް ބިދޭސީންތަކެއް ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނަކީ އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް ހިންގާފައިވާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

Advertisement

މިގޮތުން، ފުލުހުން ބުނެފައިވަނީ، މި މަހުގެ 12 ވަނަ ދުވަހުގެ ރޭ، އިމިގްރޭޝަން އޮފިސަރުންތަކެއް މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިންގާފައިވާ އޮޕްރޭޝަނުގައި ބޭނުންވާ ލިޔެކިޔުންތައް ވެސް ފުރިހަމަ ކޮށްފައި ނުވާކަމަށެވެ. އަދި އުސޫލުތަކާއި ހިލާފަށް މި އޮޕަރޭޝަން ހިންގާފައިވާއިރު ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ، ޝައްމާން އަށް މި އޮޕަރޭޝަނާ ބެހޭ މައުލޫމާތުވެސް ކުރިން އެނގިފައިވާކަމަށް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާކަމަށެވެ.

އަދި މި އޮޕަރޭޝަން ހިންގާފައިވަނީ، އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ މަސްއޫލިޔަތު ނެތް 3 އޮފިސަރުންކަމަށް ވެސް ފުލުހުންވަނީ މަޢުލޫމާތު ދެއްވާފައެވެ. މި 3 އޮފިސަރުންވަނީ، ބިދޭސީ 7 މީހަކު ހުއްޓުވައި އެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށް ފަހު، އޮޕްރޭޝަން ތަކަށް ހާއްސަ ޓީމެއް ގެނެސް ދެވަނަ ފަހަރަށް ސީން ޕްރޮސެސް ކުރުވާފައިވާކަމަށް ފުލުހުން ވަނީ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައެވެ. އަދި މި ބިދޭސީ މަސައްކަތްތެރިންގެ ތަކެތި އަތުލުމަށްފަހުން އެމީހުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން ހައްޔަރުކުރި 7 ބިދޭސީ މަސައްކަތްތެރިންނަކީވެސް ލިޔެކިޔުންތައް ގަވާއިދާ އެއްގޮތަށް ހުރި ބިދޭސިންކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން، އެކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނުއިރު މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް އޭނާ ގެންދިޔަ ކަމަށާއި އޭނާ ދޫކޮށްލީ ޝަމްއާންގެ އިރުޝާދުގެ ދަށުން އެކަން "އަރޖެންޓް" ކަމެއްގެ ގޮތުގައި އަމަލުކުރުމަށް އަންގައިގެންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި ބިދޭސީ މީހާއާ، ސްޕޮންސަރުގެ ހައިސިއްޔަުން ހަވާލުވި ފަރާތަކީ، މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ މުވައްޒަފެއްގެ އާއިލާ މެމްބަރެެއްކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި، ބިދޭސީ މީހާ ހައްޔަރުކުރެވުނު އިރު އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ، އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ވެސް ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާކަމަށް އެ ޚިދުމަތުން ވަނީ ބުނެފައެވެ.

އަދި ބިދޭސީ މީހާ ދޫކޮށްލުމުން އެމީހާ ފުރަތަމަ ދިޔައީ އޭނާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހާއާއެކު ސައިކަލެއްގައި ކަމަށާއި، ނަމަވެސް ޝަހީދު ޢަލީ ހިނގުމުން، އިމިގްރޭޝަންގެ އުޅަނދަށް އެރުވިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އިމިގްރޭޝަންގެ އުޅަނދު މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވާފައިވާއިރު ތަހުގީގުން ގަބޫލުކުރާގޮތުގައި "ވަކި ކަންތައްތަކެއް ނިންމުމަށްފަހު" ބިދޭސީ މީހާ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބަޔާނުގައި ފާހަގަކުރައްވާފައެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފަކު ސައިކަލެއްގައި ވެލާނާ ބިލްޑިންގ ކައިރިއަށްގޮސް އިމިގްރޭޝަންގެ އުޅަނދުން ފައިސާ އެޅި ކޮތަޅު ނަގައިގެން ޝަމްއާންގެ ގެއަށް ގޮސްފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާކަން އެޚިދުމަތުން ވަނީ ބުނެފައެވެ.

މި ހާތަނަށް މި މައްސަލައިގައި 5 މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާއިރު، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ފައިސާވެސް ވަނީ ފެނިފައެވެ.