މިއަހަރުގެ ރަމަޟާން މަހު 16.5 މިލިއަނަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކޮށްފައިވާކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.
ސައުދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ބުނީ މި އަދަދުގެ ތެރޭގައި ރޯދަ މަހު އަޅުކަން ކުރުމަށް މައްކާގެ މަސްޖިދުލް ހަރަމްއަށް ދިޔަ އެގައުމުގެ މީހުންނާއި އެކި ގައުމުތަކުން އައި ހައްޖުވެރިން ވެސް ހިމެނޭ ކަމަށެވެ.
ރަމަޟާން މަހުގެ ފަހު ރޭ އެ މިނިސްޓްރީން ވަނީ އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ މީހުން ހަރަމްއަށް ޒިޔާރަތްކުރި ކަމަށް ހާމަކޮށްފަ އެވެ. 'ގްރޭޓް މޮސްކް އޮފް މައްކާ' މިސްކިތުގައި 4.1 މިލިއަނަށް ވުރެ ގިނަ މީހުން ނަމާދުކޮށްފައިވާއިރު އޭގެ ތެރޭގައި އިޝާ އާއި ތަރާވީހުގައި ބައިވެރިވި 3.4 މިލިއަން މީހުންނާއި އެރޭ އެކަނި ވެސް އުމްރާގެ އަޅުކަން އަދާކުރި 646،600 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ.
ކްރައުޑް މެނޭޖްމަންޓްގެ އިތުރުން ސައުދީން ވަނީ ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު ހިދުމަތްތަކެއް ވެސް ފޯރުކޮށްދީފަ އެވެ. މިސްކިތް ސަރަހައްދުގައި ދަތުރުފަތުރުގެ ހިދުމަތް 28،200 އެއްހާ މީހުން ބޭނުންކުރި އެވެ. އެންމެ ފަހު ރޭ 42،000 އަށް ވުރެ ގިނަ ޒަމްޒަމް ފެން ފުޅި އާއި 702،000 ރޯދަ ވީއްލުން ކަމާބެހޭ ފަރާތްތަކުން ވަނީ ހައްޖުވެރިންނަށް ބަހާފަ އެވެ.
ޙައްޖުގެ އަޅުކަން އަދާކުރާ ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަކަމާއި ރައްކާތެރި ތަޖުރިބާއެއް ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާތީ ސަލާމަތާއި ސިއްހަތާއި ވޮލަންޓިއަރ ޓީމްތަކުން ކުރަމުންދާ މަސައްކަތަށް ސަރުކާރުން ވަނީ ތައުރީފުކޮށްފައެވެ.
ފޮނުވާ